
ވިއްސާރައާއި ގުޅިގެން ދިމާވާ ކަންކަން ހައްލުކުރުމަށް ރައީސް އިސްވެ ހުންނަވާ ޓާސްކް ފޯސްއެއް އުފައްދަވައިފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ޙައްލު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ޓާސްކް ފޯސްއެއް އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ މި ޓާސްކްފޯސްގެ ފުރަތަމަ ބައްދަލުކުރެއްވުން ކުރިއަށްގެންދަވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވީ މިރޭ ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި މިހާރުގެ ހާލަތާއި އަދި ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ކަންކަމަށް އަވަސް ހައްލު ހޯދައިދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުންވެސް ކުރިއަށްއޮތް ގަޑިތަކުގައި ވިއްސާރަވެއްޖެނަމަ މަގުތަކުން ފެންހިންދުމަށާއި އަދި އާއްމު ރައްޔިތުން އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި ތައްޔާރީ ހާލަތެއްގައި އޮތުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ޓާސްކްފޯސް ޗެއަރ ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މިޓާސްކްފޯސްގައި ދެން ހިމެނި ވަޑައިގަންނަވަނީ
1- މުޙައްމަދު ޣައްސާން މައުމޫން – މިނިސްޓަރ އޮފް ޑިފެންސް
2- ޢަލީ އިޙްސާން - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
3- ޑރ. އިސްމާޢީލް ޝަފީޢު - މިނިސްޓަރ އޮފް އެޑިޔުކޭޝަން
4- ޑރ. ޢަބްދުﷲ ޚަލީލު – މިނިސްޓަރ އޮފް ހެލްތް
5- ޠާރިޤް އިބްރާހީމް - މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
6- އާދަމް ޝަރީފް ޢުމަރު - މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް
7- ޢަބްދުﷲ ފަޔާޟް – ޗީފް އޮފް ސްޓާފް
8- ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ
9- ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.
ވިއްސާރައާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ޙާލަތާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވާ ފަރާތްތަކަށް އެހީވުމަށް މިވަގުތު ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.