Article Image

ގާރލްގައިޑް ހަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިވަރުންތަކެއް ބިނާވެގެންދިއުމަކީ ޤައުމަށް ވަރަށް ބޭނުންތެރިކަމެއް: ޗީފް ގައިޑް މެޑަމް ސާޖިދާ

ގާރލްގައިޑް ހަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިވަރުންތަކެއް ބިނާވެގެންދިއުމަކީ ޤައުމަށް ވަރަށް ބޭނުންތެރިކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާއި ބައްދަލުކުރެއްވުމަށް ސަލާޙުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި ގަރލްގައިޑް ޙަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ ޢާއިލާތަކާއި މުޖުތަމަޢަށް އަދި މުޅި ޤައުމަށްވެސް ކުރާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ކޭމްޕަކީ އެކި ޤައުމުތަކުން ބައިވެރިވާ ބައިނަލްއަޤްވާމީ ހަރަކާތެއްކަން ފާހަގަކުރައްވައި މި ކޭމްޕްގެ ތެރެއިން ޤައުމު ފުރިހަމައަށް ތަމްޞީލުކޮށްދީ އަދި އެ ދަރިވަރުންނަކީ މުސްލިމުންކަމާއި ފަޚުރުވެރި ދިވެހި ދަރީންކަން ކުރާ ހުރިހާކަމެއްގައި ސާބިތުކޮށްދެއްވުމަށް ކޭމްޕްގެ ބައިވެރިންގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާރލްގައިޑުންނާ، 32 އެޑަލްޓް ލީޑަރުން ބައިވެރިވެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ޤައުމީ ދިދަ ހަވާލުކޮށްދެއްވާފައެވެ.