އާންމުންގެ ސަލާމަތަށް ނުރައްކާވާގޮތަށް ހުރި އިމާރާތްތަކުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
އާންމުންގެ ސަލާމަތަށް ނުރައްކާވާގޮތަށް ހުރި އިމާރާތްތަކުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި އެކު ސަރުކާރުން ފަށައިފިއެވެ.
މިގޮތުން މީހުންނަށް ދިރިނުޅޭވޭވަރަށް ބާވެ، ވެއްޓެން ކައިރިވެފައި މ.ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ގެ ތަޅާލުމަށް ރައީސް ނިންމެވީ އެ ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިންނެވެ.
ހަ ފަންގިފިލާއަށް އުވައިން ހަދާފައިވާ އެގޭގައި މީހުން ދިރިނޫޅޭތާ އެތައް ޒަމާނެއްވެފައިވާ އިރު، އެ ގެ ތަޅާލުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިންނެވެ.
"ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ކުރަމުންދަނީ އެ އިމާރާތުގެ ސަބަބުން މީހަކަށް ނުރައްކަލެއް ލިބިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފެނިވަޑައިގަންނަވާތީ، ސީދާ ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދުގެ ދަށުން" އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.
އެ ވުޒާރާގެ ނައިބު ވަޒީރު އިބްރާހީމް ފަޔާޒް ވިދާޅުވެފައިވާ ގޮތުގައި ރަބީއުވިލާ ތަޅާލުމަށް އެގޭގެ ވެރިފަރާތުން ބޭނުންވި ނަމަވެސް، އެކަމުގެ މާލީ ޤާބިލްކަން ނެތުމުން ސަރުކާރުގެ އެހީތެރިކަމަށް އެދިފައި ވެއެވެ. އެ ފަރާތުގެ އެދިލެއްވުމާއި އެއްގޮތަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވީ އެ ގެ ހުރި ހާލަތަށް ރިޔާއަތް ކުރުމަށްފަހު، އެމަގުން ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށް ފަޔާޒް ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވަނީ މާލޭގައި މި ގޮތަށް ފަޅަށް ދޫކޮށްލައިފައި ހުރި ބާ އިމާރާތްތައް އަވަހަށް ތަޅާލުމަށްޓަކައި އެ ކައުންސިލަށް ބޭނުންވާ އެއްބާރުލުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.
ބާވެގެން ވެއްޓެން ކައިރިވެފައިވާ ކަމަށް ބެލެވޭ 11 އިމާރާތެއް 2019 ވަނަ އަހަރު ޕްލޭނިންގް މިނިސްޓްރީއިން އާންމުކުރިއިރު، އެ ލިސްޓުގައިވެސް މ. ރަބީއުވިލާ ހިމެނެއެވެ. މިއަދާއި ހަމައަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި އެ ގެއަކީ އިޖްތިމާއީ އެތައް މައްސަލައެއް ފެންމަތިވެފައިވާ ފަޅު ގެއެކެވެ. އަދި އަލިފާނުގެ ހާދިސާތައްފަދަ ނުރައްކާތެރި ހާދިސާތައްވެސް ހިނގާފައިވާ ގެއެކެވެ.
މަސްތުވާތަކެއްޗާއި ގޭންގުތައް ހުއްޓުވުމަކީ ރައީސް މުޢިއްޒު އިސްކަންދެއްވާ ތަރުތީބުގެ އެންމެ މަތީގައި ހިމެނިވަޑައިގަންނަވާ ކަންކަން ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން އެކި ފަހަރުމަތިން ފާހަގަކުރައްވާފައި ވެއެވެ.
އެހެންކަމުން މިފަދަ ފަޅުގެތައް މަސްތުވާތަކެތީގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރާ ކުރުން ނިމުމަކަށް ގެނައުމަށް ރައީސް އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ މަސައްކަތައް ފާހަގަކުރެވެއެވެ.