ނޫމަޑި މައްސަލައިގަ ރައީސް މުޢިއްޒު އާއި ގުޅުވާ ކުރީގެ ސީޕީ ހުސެއިން ވަހީދު އިތުރުފުޅު ހައްދަވައިފި
ނޫމަޑި މައްސަލައިގަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ގުޅުވާ ކުރީގެ ސީޕީ ހުސައިން ވަހީދު ދެއްކި ވާހަކަތައް ސީޕީ ޝުޖާއު ދޮގުކުރައްވައިފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އިތުބާރު ގެއްލިގެން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ވަކިކުރި ހުސައިން ވަހީދު ރޭ ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ނޫމަޑި މައްސަލައިގައި ރައީސް ޑރ. މުޢިއްޒު އާއި ބައްދަލުކުރުމަށް އޭނާ ދިޔައީ މިހާރުގެ ސީޕީ ޢަލީ ޝުޖާއު އާއި އެކުގައި ކަމަށެވެ. އެހެން ނަމަވެސް މިވާހަކަ ސީޕީ ޝުޖާއު މިއަދު ވަނީ ދޮގު ކުރައްވާފައެވެ.
ހުސައިން ވަހީދު ދެއްކި ވާހަކަ ދޮގު ކުރައްވާ ކޮމިޝަނަރ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ސީޕީ ހުސައިން ވަހީދު ދައްކާފައިވާ ވާހަކައިގަ ނޫމަޑި މައްސަލައިގަ ރައީސް މުޢިއްޒު އާއި ބައްދަލު ކުރުމަށް ޝުޖާއު އާއިއެކު އޭނާ ދިޔަކަމަށް ވިދާޅުވި ވާހަކައަކީ ޚަޤީޤަތާއި ޚިލާފު، އަދި އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ.
މިއާއިއެކު އެބަޔާނުގައި ބުނީ ނޫމަޑި މައްސަލައާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ސީޕީ ހުސައިން ވަހީދުއާއެކު އެއްވެސް ފަރާތަކާއި އެއްވެސް ހައިސިއްޔަތަކުން ސީޕީ ޝުޖާއު ބައްދަލު ކޮށްފައި ނުވާނެ ކަމަށެވެ.