ނިޤާބް އެޅުމުން ވަޒީފާއަށް ހުރަސްއެޅޭގޮތަށް ޢަމަލުކުރަމުންއައި ޤަވާއިދާއި އުސޫލުތައް ބަދަލުކުރުމަށް ރައީސް އަންގަވައިފި
ނިޤާބް އެޅުމުން ވަޒީފާ އަދާ ކުރުމަށް ހުރަސްއެޅޭގޮތަށް ރާއްޖޭގައި ޒަމާންތަކެއް ވަންދެން ޢަމަލުކުރަމުންއައި ޤަވާއިދާއި އުސޫލުތައް ބަދަލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސް މުޢިއްޒު މިފަދައިން ނިންމެވިކަން އިޢުލާން ކުރައްވާފައި މިވަނީ ދާދިފަހުން ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާ ޑިސްކޮލިފައި ކޮށްލި މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ޤަވާއިދުތަކާއި އުޞޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މިއާއިއެކު ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.
ވަޒީފާ ދިނުމާއި އެ ނޫންވެސް އެހެން ކަންކަމުގައި ވެސް، މީހާ އަޅާ ހެދުމެއްގެ ސަބަބުން ތަފާތު ކުރުން ނުގެންގުޅުއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.
ނ. މަނަދޫގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ
އެ ރައްޔިތަކު ބޭނުންވާ ގޮތަށް ދީނީ ހަމަތަކުގެ މަތިން ކޮންމެ ކަމެއް ކުރުމަކީ މިނިވަން ކަން އޮންނަން ޖެހޭނެ ކަމުގެ ޔަގީންކަން އަރުވަން، ހެދުން އެޅޭ ގޮތަކުން އެއީ ވަޒީފާ އިން ވަކިކުރެވިގެންވާ ފަރާތަކަށް ވެގެން ނުވާނެ
ލާހެދުމަކުން ވަޒީފާގެ މާހައުލުގައި ތަފާތު ކުރުން ގެންގުޅެން ނުޖެހޭ ކަމުގެ މިސާލު ސިޓީ ކައުންސިލަށް މުވައްޒަފުން ނެގުމުގައި އެމަނިކުފާނު ވަނީ ދައްކަވާފައެވެ. އެގޮތުން ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި މާލޭގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކުރުމަށް މަގުމައްޗަށް ނެރުނު މަގުފާރަވެރިންގެ ތެރޭގައިވެސް ނިޤާބް އެޅި މުވައްޒަފުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ރައީސްގެ މި ނިންމެވުމާއި ގުޅިގެން ގިނަ ދީނީ ޢިލްމުވެރިންނާއި އާންމުން ދަނީ އެމަނިކުފާނުގެ ނިންމެވުމަށް މަރުޙަބާ ދަންނަވާ ޝުކުރު ދަންނަވަމުންނެވެ.