"ހުސްގޮނޑި" އާއި ގުޅޭގޮތުން ރައީސްގެ ރައްދު: ރައީސް ޔާމީންގެ ޙައްޤު މަޤާމުގައި އެ ގޮނޑި އަޅުގަނޑުމެން ބަހައްޓަމުން އަންނަނީ އެމަނިކުފާނަށް ރެސްޕެކްޓް ކުރާތީ
ރައީސް ޑރ. މުޢިއްޒުގެ ސިޔާސީ ކޮންމެ ކާމިޔާބީއަކީ "ހުސް ގޮނޑި" އެއް ބަހައްޓައިގެން ހޯއްދަވާ ކާމިޔާބީއެއްގޮތުގައި އިދިކޮޅު ފަރާތްތަކުން ދައްކަމުން އައި ވާހަކަތަކަށް ރައީސް މުޢިއްޒު މިރޭ ޖަވާބު ދެއްވައިފިއެވެ.
"ސަންގު ޓީވީ" އަށް ރައީސް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޙައްޤު މަޤާމުގައި އެ ގޮނޑި ބަހައްޓަމުން އަންނަނީ އެމަނިކުފާނަށް އިޙްތިރާމް ކުރައްވާތީ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމަށްޓަކައި އެމަނިކުފާނުގެ ހިތްޕުޅުގައި ކުރިންވެސް މިހާރުވެސް އޮތީ ގަދަރުކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނާ ގުޅޭގޮތުން ރައީސް ޔާމީންގެ ސިޔާސީ ޕާޓީ ޕީއެންއެފްގެ އެކި ޖަލްސާތަކުގައި ކުރަމުންދާ ތުހުމަތު ތަކާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް މުޢިއްޒު ވިދާޅުވީ, އެމަނިކުފާނަކީ އެއްވެސް އިރެއްގައި ރިޔާސީ ޓިކެޓަށް ފާރަލައިގެން އުޅުއްވި ބޭފުޅެއް ނޫން ކަމަށާއި, މަސައްކަތް ކުރައްވަމުން ގެންދެވީ ޔާމީންގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ.
އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފޯނުގައި ޑިލީޓު ނުކުރައްވާނަމަ ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް އެދިވަޑައިގެން ފޮނުއްވި ހުރިހާ މެސެއްޖެއް ހުުންނާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން މަސައްކަތް ކުރީ އެމަނިކުފާނު މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދޭތޯ. އިބާރާހީމް މުހައްމަދު ސޯލިހްގެ ފޯނުގައި ޑިލީޓު ނުކުރައްވަންޏާ ހުންނާނެ އަޅުގަނޑު ފޮނުވި ހުރިހާ މެސެޖެއް. ޔާމީން ރޯދައަށް ގެނެސް ދިނުމަށާއި، ދަރިފުޅުގެ އޯލެވެލް ގާތް ވާތީ ހަމައެކަނި އެދުވަސްކޮޅަށް ގެޔަށް ގެނެސްދިނުމަށް އާދޭސްކޮށް ތަކުރާރުކޮށް މެސެޖު ކުރިން. ރައީސް ޑރ. މުޢިއްޒު
މީގެއިތުރުން ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ "ހުސްގޮނޑިއެއް" ދައްކައިގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ, އޭރު ޕީއެންސީން މަސައްކަތް ކުރަމުން ދިޔައީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ނުރަނގަޅު ހުކުމުން އެމަނިކުފާނު ސަލާމަތްކޮށްދިނުމަށް ޖުޑީޝަރީ މިނިވަން ކުރުމަށް ކަމަށެވެ. އަދި އެ ގޮނޑިއަކީ ރައީސް ޔާމީނަށް ކުރައްވާ އިޙްތިރާމަކުން ބަހައްޓަވާ ގޮނޑިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ޙައްޤު މަޤާމުގައި އެ ގޮނޑި އަޅުގަނޑުމެން އެމަނިކުފާނަށް ރެސްޕެކްޓް ކުރާތީ ބަހައްޓަމުން އަންނަނީ. އޭރުގަވެސް މިއަދުވެސް އަދި މާދަމާވެސް އަޅުގަނޑުގެ ހިތުގައި ގައިމުވެސް އެމަނިކުފާނަށް އޮންނާނީ ގަދަރު. އަބަދުވެސް އޮންނާނީ ގަދަރު: ރައީސް ޑރ މުޢިއްޒު
ރައީސް މުޢިއްޒު ވިދާޅުވީ ޔާމީން ބޭނުންފުޅުވާ ނަމަ ދެވަނަ ދައުރެއް ހޯދައިދެއްވުމަށްޓަކައި އިސްދައުރެއް އަދާކޮށްދެއްވާނެ ކަމަށް ޔާމީން އަރިހުގައި ވިދާޅުވެފައިވާނެ ކަމަށެވެ. އަދި ޖަލަށް ގެންދިއުމުން ވެސް ޔާމީން މިނިވަން ކުރުމަށްޓަކައި ލީޑަރޝިޕްގެ އެހެން ބޭފުޅުންނާއެކު ޢަމަލީ ގޮތުން އުޅުއްވި މަސައްކަތްތަކުގެ ތަފްސީލްވެސް ރައީސް ވަނީ ދެއްވާފައެވެ.