Article Image

އަމިއްލަ ދަތުރުތަކަށް ދަޢުލަތުގެ ފައިސާ ޚަރަދެއް ނުކުރަން، ނުވެސް ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން މިއަދާއި ހަމަޔަށްވެސް އަމިއްލަ ބޭނުންތަކަށް ކުރައްވާ ދަތުރުތަކަށް ދަޢުލަތުގެ ފައިސާ ބޭނުންކޮށްފައި ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ދާދިފަހުން ބޭސްފަރުވާއަށް އަމިއްލަ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތަކާއި ގުޅުވައި ގިނަ ބަޔަކު އުފެއްދި ސުވާލުތަކަށް ރައީސް ޖަވާބު ދެއްވީ މިރޭ "ސަންގުޓީވީ" އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ބޭރުގެ ޤައުމުތަކަށް ރައީސް ކުރައްވާ މިފަދަ ދަތުރުތަކުގެ ޚަރަދުތައް ހިނގާ ގޮތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އުސޫލުގައި އޮންނަ ގޮތުންނަމަ ރައީސްގެ ދަތުރުތަކަށް ދަޢުލަތުގެ ބަޖެޓުން ޚަރަދު ކުރެވޭކަމަށެވެ. ރައީސް ވިދާޅުވީ އަމިއްލަފުޅަށް ފައިސާ ބޭނުންނުކޮށް އެކަން ކުރެވެން އޮތް ނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ. އަދި ކިރިޔާވެސް އެކަމެއް ވާން އޮވެއްޖެނަމަ ހުރިހާ ކަމެއްވެސް ކުރައްވަނީ އަމިއްލަފުޅަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަން ލިބިވަޑައިގެންނެވުމަށްފަހު މުލިއާގެ މަރާމާތުކޮށް ނިމެންދެން ރައީސް މުޢިއްޒުގެ ގެކޮޅު ކަމުގައިވާ ދިމްޔާތުގައި ހުންނެވި މަސްތަކުގައިވެސް ގޭގައި ސެކިއުރިޓީ ސެޓަޕްހަދައި ހުރިހާ ކުއްޔަށްދޭ ކޮޓަރިތައް ހަމަޖެއްސުމާއި، އޭގެ އިތުރަށްވެސް ހުރިހާ ޚަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން ހުރިހާ ޚަރަދެއް ކުރީ މުލިއާގޭ ބަޖެޓުން ކަމަށް ބުނެ ވަރަށް ގިނަ ތުހުމަތުތައް އައިސްފައިވާ ކަމަށާއި އެއީ ޚަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެންނެވިފަހުން މިއަދާއިހަމަޔަށްވެސް އަމިއްލަފުޅު އެއްވެސް ކަމަކަށް ސަރުކާރު ބަޖެޓުގެ ލާރި ނަންގަވާފައިނުވާނެ ކަމަށާއި، އެފަދަ ހުރިހާ ޚަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.