Article Image

ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނުގެ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އަލް ސުޢޫދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެއްކަމަށްވާ، އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އަލް ސުޢޫދު އަވަހާރަވުމާއި ގުޅިގެން މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އަލް ސުޢޫދުގެ ހެޔޮ ހަނދާންތަކުން، މި އުނދަގޫ ދަނޑިވަޅުގައި ޢާއިލީ ހިތާމަތަކަށް ކޮންމެވެސްވަރެއްގެ ލުޔަކާއި ތަސައްލީއެއް ލިބުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި، ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެންފައެވެ. އަދި މަރްޙޫމާގެ ފުރާނަފުޅަށް ރަޙުމަތްލެއްވުންއެދި ހެޔޮ ދުޢާކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަން ތަޢުޒިޔާގެ މި މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އަލް ސުޢޫދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި، މަރުޙޫމާގެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރައްވަމުންނެވެ. އަދި ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ހާލަތުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުން އެދިވަޑައިގެންވެސް ދުޢާ ދަންނަވަމުންނެވެ.