Article Image

ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި އަޅުއްވަން ނިންމި ފިޔަވަޅުތައް ރައީސް ހާމަކުރައްވައިފި

ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި އަޅުއްވަން ނިންމި ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ސަރުކާރުން އެޅުމަށް ނިންމެވި ފިޔަވަޅުތައް ރައީސް ހާމަކުރައްވާފައިވާއިރު ބާރަށް ވެހިކަލް ދުއްވާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅަން ކަމާއި ގުޅުންހުރި އިދާރާތަކަށް ރައީސް ވަނީ އަންގަވާފައެވެ. މިކަމާއި ގުޅިގެން އެކްސްގައި ރައީސް ވަނީ މިކަމުގެ ތަފްސީލު ހާމަކުރައްވާފައެވެ.

ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް ޢާއްމުންރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަކީ:

1.މަގުތަކަކ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާބާރު ސްޕީޑްގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނާއި ޤަވާއިދުތައް އިސްލާޙުކުރުން.

2.ރޭސިންގ އަދި ޑްރިފްޓިންގ އަށް ހުޅުމާލޭގެ ވަކި ސަރަޙައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން.

3.ކަނޑއެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދުދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.

4.ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭގޮތަށް ޤާނޫނާއި ޤަވާއިދުތައް އިސްލާހުކުރުން.

5.އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށްއެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ޤަވާއިދުތައް އިސްލާހުކުރުން.

6.ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަޙައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި، ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.

7.ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމެއް ތަޢާރަފްކުރުމާއި ޤަވާއިދާ ޚިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސް އިން ޕޮއިންޓް ކަނޑަން ފެށުން.

8.މަގުމަތީގެ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.

ރައީސް ވިދާޅުވީ މި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ވާނީ އަންގަވާފައި ކަމަށާއި، އަދި މި ފިޔަވަޅުތައް އެޅެމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރެވޭނެ ކަމަށެވެ.

ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ރައީސް ވަނީ އަރުވާފައެވެ.