
އަނެއްކާވެސް ރައީސް މުޢިއްޒުއަށް ކާމިޔާބީއެއް: މިފަހަރު މާރަންދޫ ކައުންސިލް ގޮނޑި!
މާލޭގެ މޭޔަރު އިންތިޚާބުންފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިޔާސީ މައިދާނުގައި ހޯއްދަވަމުން އަންނަ ކާމިޔާބީގެ ތެރެއަށް އަނެއްކާވެސް ބޮޅެއް އިތުރުވެއްޖެއެވެ. އަނެއްކާވެސް މިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ބައިއިލެކްޝަނެއް ކާމިޔާބުވެފައެވެ.
އެގޮތުން 14 ސެޕްޓެމްބަރ ވީ ހޮނިހިރު ދުވަހު ބޭއްވި ހދ. މާރަންދޫ ކައުންސިލްގެ ބައިއިލެކްޝަން ސަރުކާރު ހިނގާ ޕާޓީ، ޕީއެންސީގެ ކެނޑިޑޭޓް އަބްދުލް ހަމީދު އަބްދުއް ސައްތާރު ވަނީ ކާމިޔާބުކޮށްފިއެވެ.
އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދާއި ވާދަކޮށް އަބްދުލްހަމީދު ކައުންސިލް މެންބަރުކަމުގެ ގޮނޑި ކާމިޔާބުކުރެއްވީ ވޯޓްލީ މީހުންގެ %51 ވޯޓާއި އެކުއެވެ. މިގޮތުން އަބްދުއްސައްތާރަށް 285 ވޯޓު ލިބުނުއިރު، ޝިހާމަށް ލިބުނީ 250 ވޯޓެވެ.
މާރަންދޫ ކައުންސިލަށް އައު މެންބަރަކު އިންތިޚާބުކުރުމަށް ބައި އިލެކްޝަން ބޭއްވީ އެރަށު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު، ޖުލައި 13 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެންނެވެ.
ވެރިކަންކުރާ ޕީއެންސީން ވަނީ މިފަހުން ބޭއްވި ގިނަ ބައިއިލެކްޝަންތައް ކާމިޔާބުކޮށްފައެވެ.
ފާހަގަކޮށްލެވޭގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން ބޭއްވުނު ހުރިހާ އިންތިޚާބެއްގައި މާރަންދޫއިން ކާމިޔާބުކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. އެހެންނަމަވެސް މިފަހަރު މަންޒަރު ބަދަލުވެއްޖެއެވެ. ފެންނަމުންދަނީ ރައީސް މުޢިއްޒުއަށް ރައްޔިތުންކުރާ އިތުބާރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މަންޒަރެވެ.
މާލޭގެ މޭޔަރުކަމަށް މާލޭގެ ރައްޔިތުން ރައީސް ޑރ. މުޢިއްޒު އިންތިޚާބު ކުރެއްވުމާއި ހަމައިން ރައީސް ދަނީ ދުވަހެއް ދުވަހަކަށް ރައްޔިތުންގެ އިތުބާރު ހޯއްދަވާ ނަތީޖާ ނެރެދެއްވަމުންނެވެ. އިދިކޮޅުފަރާތްތަކުން ފަތުރަމުންދާ ދޮގުތަކަށް ބެއްލެވުމެއްނެތި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވިއިރު، ޖެހިގެން އައި މަޖްލިސް އިންތިޚާބުވެސް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރެއްވިއެވެ. އެއަށްފަހު މާލެސިޓީ ކައުންސިލްއާއި ރަށު ކައުންސިލްތަކުގެ ބައިލެކްޝަންތައް ވެސް ކާމިޔާބު ކުރަމުންދަނީ ރައީސް ޑރ. މުޢިއްޒުގެ ކޮންގްރެސް ޕާޓީ އިންނެވެ.