Article Image

މަގުތަކުގެ ރައްކާތެރިކަމާ ގުޅޭ ވީޑިއޯއަކާއެކު ރައީސްގެ ވަރުގަދަ މެސެޖެއް!

މަގުތަކުގެ ރައްކާތެރިކަމާ ގުޅޭ ކާޓޫން ވީޑިއޯއަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސްގެ މެސެޖްގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ މަޝްހޫރު އެނިމޭޓަރު ޔާމީން ރަޝީދު ތައްޔާރުކޮށްފައިވާ ކުރު ކާޓޫނު ވީޑިއޯއެއް ހިއްސާކުރެއްވުމާއެކު ރައީސް މިއަދު ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މާނަފުން މެސެޖެއް ފޯރުކޮށްދެއްވާފައެވެ.

ވީޑިއޯއިން ފެންނަނީ ބައްޕައަކު އޭނާގެ ހަމައެކަނި ދަރިފުޅަށް ހަދިޔާއަކަށް އަތުކުރި ގަޑިއެއް ގަނެގެން ދަރިފުޅަށް އެ ރައްދު ކުރުމަށް އޭނާ ސައިކަލުގައި ދަރިފުޅު ކައިރިއަށް ދިއުމަށް ދަތުރު ފެށި މަންޒަރެވެ. ސިހުން ގެނުވީ ކުއްލިއަކަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރަކުން ޖެހި ހަތަރު އަނގޮޅި ކަންމަތިން އެ ބައްޕަ އެކްސިޑެންޓު ވުމުންނެވެ.

އެ މީހާ ދުއްވަން އިން ސައިކަލާއެކު މާ ދުރަށް ވިއްސައިގެން ގޮސް ވެއްޓެއެވެ. ކުޑަ ވަގުތުކޮޅަކަށް ފަހު ކާރު ދުއްވަން އިން މީހާއަށް ހޭވެރިކަން ވުމާއެކު ކާރުން ފައިބައިގެން ވެއްޓިފައި އޮތް މީހާ ކައިރިއަށް ދެއެވެ. އަދި ޒަޚަމްތަކަކާއެކު އޭނާގެ ކާރުން ޖެހި ވެއްޓިފައި އޮތް މީހާގެ ކައިރިއަށް ގޮސް އޭނާއަށް އެހީވުމަށް މަސައްކަތްކުރެއެވެ. ވެއްޓިފައި އޮތް މީހާގެ މޫނު ފެނުމާއެކު ކާރު ދުއްވަން އިން މީހާއަށް ކުއްލި ސިހުމެއް ލިބިގެންދަނީ އެއީ އޭނާގެ ބައްޕަކަން އެނގުމުންނެވެ. އޭނާގެ ކާރުން ޖެހި މަގުމަތީ ލެއިން ފޯވެފައި އޮތީ އޭނާއާ ބައްދަލުކުރުމަށް ގެއިން ނުކުތް އޭނާގެ ބައްޕައެވެ. ދަރިފުޅާއި ހަމަޔަށް ބަައްޕައަށް ދެއްވިއްޖެއެވެ. އެހެން ނަމަވެސް އެ ހަދިޔާ ދަރިފުޅަށް ރައްދުކުރެވޭގޮތެއް ނުވިއެވެ.

މި ވީޑިއޯ ހިއްސާ ކުރައްވައި ރައީސް ވިދާޅުވީ ކޮންމެ ފުރާނަ އަކީވެސް އަގުހުރި އެއްޗެއްކަމަށެވެ. އެހެންކަމުން މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި އަމިއްލަ އަށް ހެދޭ ގޯސްތައް ރަނގަޅުކުރުމަށް ދެވަނަ ފުރުސަތެއް ނުލިބިދާނެ ކަންވެސް ރައީސް ހަނދާންކޮށްދެއްވިއެވެ.

ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން މިފަހުން މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، އެތައް ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ. އޭގެތެރޭގައި ދިވެހިންތަކެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވެއެވެ. މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި، ރައީސްގެ އިރުޝާދުގެ ދަށުން ފުލުހުން ވަނީ މަގުމަތީގައި ޑިއުޓީ ކުރުން އިތުރުކޮށް، ޤަވާއިދާ ޚިލާފަށް ދުއްވާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅަން ފަށާފައެވެ.