Article Image

ދިވެހިރާއްޖޭގެ އުތުރުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފަށައިފި

ދިވެހިރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ފެށުމުގެ ގޮތުން ހއ. ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބަންކަރިންގެ ޚިދުމަތް ފައްޓަވައި ދެއްވީ އިހަވަންދިއްޕޮޅަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ފަސް މަޖިލިސް މެންބަރުންނެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ އެއިޓް ޑިގްރީ ޗެނަލުން ދަތުރުކުރާ ބޯޓުތަކަށް އަމާޒުކޮށްގެން ފެށި ބަންކަރިން ޚިދުމަތް ފެށުމުގެ ގޮތުން، އެންމެ ފުރަތަމަ ޚިދުމަތް ފޯރުކޮށްދީފައި ވަނީ ވައިސީ ބެރިއާއަށެވެ. މިއީ އެމްއެސްއެސްގެ ބޯޓެކެވެ. މިއީ އެ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެކެވެ.

މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯއަށެވެ. ސަބަބަކީ ލޯ ސަލްފާ ފިއުލް އޮއިލް ރާއްޖެއިން މީގެކުރީ ލިބެން ނުހުންނާތީއެވެ.

"ވައިސީ ބެރިޔާ" އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މި އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެއެވެ. އަދި މި އުޅަނދުގައި 1،100 ކޮންޓެއިނާ އުފުލުމުގެ ޤާބިލުކަން ހުރެއެވެ.

ބަންކަރިންގ އަކީ ޤައުމުގެ އިޤްތިޞާދަށް ބޮޑު، އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ޚިދުމަތަކަށް ވެގެންދާނެއެވެ.

މި ޕްރޮޖެކްޓުގެ 2 ވަނަ ފިޔަވަހީގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި، އޮއިލް ޓޭންކުތައް މިސަރަޙައްދުގައި ޤާއިމް ކުރުމުގެ މަސައްކަތްވެސް ފެށިގެން ދާނެއެވެ.

ބައިނަލް އަޤްވާމީ ބަންކަރިންގެ ޚިދުމަތަކީ އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން އުތުރުގައި ފެށިގެން ދިޔަ މުހިންމު ޚިދުމަތެކެވެ. ބަންކަރިންގ ޚިދުމަތް ފެށުމުން، އެއް ސިނާޢަތަކަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާވެގެންދާނެއެވެ. މި ޚިދުމަތުގެ ސަބަބުން ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ތެޔޮ ވިއްކުމުގެ އިތުރުން، އެހެނިހެން މެރިޓައިމް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެންދާއިރު، މިކަމުގެ ސަބަބުން ގިނަ ވަޒީފާގެ ފުރުޞަތުތަކެއް އުފެދި، ޤައުމަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށްވުރެ ގިނަ އާގު ބޯޓު ދަތުރުކުރާއިރު، އަންދާޒާކުރެވޭ ގޮތުގައި ބަންކަރިން ޚިދުމަތް ފެށުމުން ފުރަތަމަ އަހަަރުވެސް ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަށް އަލަށް 400 މިލިއަން ޑޮލަރު އިތުރުވެގެންދާނެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ މިހާ ކުރީކޮޅު ފަށްޓަވައި ދެއްވި މި ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެސް ދޭނެ ޚިދުމަތަކަށް ވެގެންދާއިރު މިއީ ރާއްޖޭގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތްކަމެއްކަން ފާހަގަކޮށްލެވެއެވެ.