ސްރީލަންކާގެ އިންތިޚާބު ކާމިޔާބުކުރެއްވި ދިސާނަޔަކައަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ
އަވަށްޓެރި ސްރީލަންކާގައި ސެޕްޓެމްބަރު 21 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ދިސާނަޔަކައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ދިސާނަޔަކައަށް ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ރައީސް ޑރ. މުޢިއްޒު ހިއްސާ ކުރެއްވި ޕޯސްޓުގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ދިސާނަޔަކަ ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ލަންކާއާއި ރާއްޖެއަކީ ގާތް އަވަށްޓެރި ދެ ޤައުމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ސެޕްޓެމްބަރު 21 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ދިސާނަޔަކައަކީ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާއެވެ. ޤާނޫނު ހަދާ މަޖިލީހުގައި ޖޭވީޕީ ތަމްސީލު ކުރައްވާ ތިން މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢުމުރުން 55 އަހަރުގެ ދިސާނަޔަކަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާފައި ވަނީ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދުގެ ކެނޑިޑޭޓުގެ ގޮތުގައެވެ. އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައާ ވާދަކުރައްވައެވެ.