Article Image

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސް ގޮވާލައްވައިފި

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނެއްކާވެސް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފަލަސްތީނުގެ ޣައްޒާގައި އިޒްރޭޅުގެ އަނިޔާވެރި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން" ހުށަހެޅުމާއި ގުޅިގެނެވެ.

ރައީސް ވިދާޅުވީ ރާއްޖެ އަބަދުވެސް ކުރިއަށްދާނީ އިންސާނިއްޔަތާއި ސުލްހައާއި އިންސާފުގެ މަގުންކަމަށެވެ.

އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން" ހުށަހެޅުމާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވަންޖެހޭކަަމަށެވެ. އަދި ޤާނޫނުގެ ވެރިކަން ނަގަހައްޓާ، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސް ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ އަބަދުވެސް އޮންނާނީ އިންސާނިއްޔަތާއި ސުލްހައާއި އިންސާފުގެ ފަޅީގައިކަމަށެވެ. އަދި އެމަގުން ކުރިއަށްދާއިރު ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލާގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މިއަހަރުގެ ޖެނުއަރީމަހު ރައީސް ނިންމެވިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލާގައި ދިވެހިރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން" ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ ފަރާތުން އައި.ސީ.ޖޭ. އަށް ހުށަހަޅާފައިވާކަމަށެވެ.