ރައީސުލްޖުމްހޫރިއްޔާ މެކްސިކޯގެ އައު ރައީސާއަށް މަރުޙަބާ ވިދާޅުވެއްޖެ
މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އެޤައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ކްލައުޑިއާ ޝެއިންބައުމްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
މެކްސިކޯގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން ރައީސާއަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އެކަމަނާ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީން ދައްކުވައިދެނީ އެކަމަނާގެ ހިންގުންތެރިކަމާއި އެޤައުމުގެ މުސްތަޤުބަލަށް ގެންގުޅުއްވާ ތަސައްވުރަށް ޤައުމުގެ ރައްޔިތުން ކުރާ އިތުބާރުކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަންނަ އަހަރަކީ ދިވެހިރާއްޖެއާ މެކްސިކޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި ދެޤައުމުގެ ދެމެދުގައި ގުޅުން ޤާއިމްކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަވާފައި ވަނީ މެކްސިކޯގެ އައު ރައީސާއަށާއި އެޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވަމުންނެވެ.