Article Image

ރައީސް ޑރ. މުޢިއްޒު މޭޔަރުކަމުގައި ތަރައްޤީކުރަން ފެށްޓެވި އާސަހަރާ މިސްކިތް މަރާމާތަށްފަހު ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ތަރައްޤީކުރަން ފެށްޓެވި މާލެސިޓީގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރަސްމީގޮތުން މިއަދު އެމަނިކުފާނު ހުޅުވައިދެއްވައިފިއެވެ. އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އެ މިސްކިތުގައެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެއަކީ މީގެ ކުރިން، ޖާގައިގެ ގޮތުން ދަތި އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އަންހެނުންނަށާއި އަދި އާސަހަރާއަށް ޒިޔާރަތްކުރާ ގިނަ ފަރާތްތަކަށްވެސް ބޭނުންކުރެވޭނެ އެކަށީގެންވާ ޖާގަ ނެތްތާ ގިނަ އަހަރުތަކެއް ވެފައިވާ ތަނެކެވެ.

އާސަހަރާ މިސްކިތަށް ޒަމާނީ ބަދަލުތަކެއް ގެނަސް އަލުން ތަރައްޤީކޮށްފައި މިވަނީ ދެފަންގިފިލާއަށް ވާގޮތަށެވެ. ދެ ފަންގިފިލާވެސް އޭސީކޮށްފައިވާއިރު މީހުން މަޑުކޮށްގެން ތިބޭ ސަރަޙައްދު ނުވަތަ 'ވެއިޓިން އޭރިޔާ'ވެސް ވަނީ އޭސީކޮށްފައެވެ. އަދި ހިނަވާގޭގައިވެސް ވަނީ، ޖާގަ ތަނަވަސް، ހިނެވުމަށް ޚާއްޞަ ތިން ތަނެއް ތަރައްޤީކޮށްފައެވެ.

މީގެއިތުރުން ސިޑިން މައްޗަށް އަރަންދަތި ފަރާތްތަކުން ނަމާދުކުރަން ޚާއްޞަ ޖާގަ ތިރީ ފަންގިފިލާގައި ހަމަޖައްސައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި ކުދީންނަށް ވަކި ޚާއްޞަ ފާޚާނާއާއި، ދެ ޖިންސުގެ އާންމުންނަށް ވަކި ފާޚާނާވެސް މިފަހަރު ތަރައްޤީކޮށްފައިވެއެވެ. އަދި މިސްކިތާއި ހިނަވާގޭގެ ސަރަޙައްދުން ބޭރުގައި މަޑުކޮށްލައިގެން ތިބޭއިރު އިށީނދެ ތިބެވޭ ގޮތަށް ގޮނޑިޖަހައި، ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި، ސަހަރާއަށް ވަންނަ މަގުގެ ޖާގަވެސް ތަނަވަސްކޮށް، މިސްކިތަށް އަންނަ މީހުންގެ ސައިކަލު ޕާކު ކުރާނެ ޕާކިންގ ޒޯން ހަދައި، ޖަމާޢަތްތެރިން މަޑުކޮށްލައިގެން ތިބޭނެ ވަކި ކޮޓަރި ފަދަ ތަނުގެ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ގިނަ ވަސީލަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ.

މިސްކިތާއި ހިނަވާގެ ހުޅުއްވައިދެއްވުމަށްފަހު، މިއަދު އެ މިސްކިތުގައި އޮތް ހުކުރު ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތެވެ. އަދި ހުކުރުނަމާދަށްފަހު އެމަނިކުފާނު ވަނީ އާސަހަރާ މިސްކިތުގެ އިތުރުން ހިނަވާގެއާއި މީހުން މަޑުކޮށްލައިގެން ތިބެން ޚާއްޞަކޮށްފައި އޮތް ސަރަޙައްދަށްވެސް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވައިފައެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތަކީ މާލެ ސިޓީގެ މޭޔަރުކަމުގައި މީގެކުރީން ރައީސުލްޖުމްހޫރިއްޔާ ހުންނެވިއިރު އާސަހަރާގެ ޚިދުމަތް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ ހިތްހަމަޖެހޭ ތަނަވަސް މާހައުލެއް ޤާއިމުކޮށްދެއްވުމަށް އެމަނިކުފާނު ކުރެެއްވި ތަޞައްވުރާއި އެއްގޮތަށް ފެށްޓެވި މުހިންމު މަސައްކަތެކެވެ.

އާސަހަރާ މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ އެމަނިކުފާނުގެ މޭޔަރުކަމުގައި ބޭނުންވި ފެންވަރުގަ އޭރު ހެއްދެވި ކޮންސެޕްޓްގައި އާސަހަރާ ހަދާ ނިމި، މި މަސައްކަތް ޙަޤީޤަތަކަށް ވުމުން ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު މޭޔަރުކަމުގައި އާސަހަރާގެ މަސައްކަތް ފެށްޓެވީ އާއިލާތަކަށް ލިބޭ ހިތްދަތި ވަގުތުތަކުގައި ހިތްފަސޭހަކޮށް އެތަނުގެ ބޭނުން ކުރެވޭނެ ގޮތަށް ޖާގަ ތަނަވަސްކޮށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި މަސައްކަތް ފުރިހަމަ ކުރެއްވުމުގައި މާލޭގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރާއި ކައުންސިލަރުން އަދި މާލެސިޓީ ކައުންސިލްގެ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައެވެ. މިއާއިއެކު ސަހަރާ މަސައްކަތުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ވިޔަފާރިވެރިންނަށްވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

އާސަހަރާ މިސްކިތާއި ހިނަވާބައި ބޮޑުކޮށް މަރާމާތަށްފަހު މިއަދު ހުޅުވިގެންދިޔައިރު:

  • މިސްކިތުގެ ޖާގަބޮޑުކޮށް ދެފަންގިފިލާ އޭސީ ކޮށް ނަމާދުކުރެވޭ ގޮތަށް ހެދިފައިވާނެ

  • މައްޗަށްނޭރޭ އަންހެން ކަނަބަލުންނަށް ހާއްސަ ނަމާދުކުރެވޭ ޖާގަ ތިރީގައި ހުންނާނެ

  • ހާއްސަ އެހީއަށް ބޭނުންވާ ބޭފުޅުންނަށް ޙާއްސަ ފާހާނާއާއި އާންމުންނަށް ޙާއްސަ ފާހާނަ ހުންނާނެ

  • ސަހަރާގައި މަޑުކޮށްގެން ތިބޭ ބޭފުޅުންނަށް ޙާއްސަ ވެއިޓިންގ އޭރިއާއެއް އޭސީކޮށްފައި ފުރަތަމަ ފަންގިފިލާގައި ހުންނާނެ

  • މައްޔިތާ ހިނެވުމަަށް ޙާއްސަ 3 ތަން ހުންނާނެ

  • ބޭރުގައި މަޑުކޮށްގެން ތިބޭބޭފުޅުންނަށް ފިނިވާނެގޮތަށް ފަންކާލެވި ގޮނޑިބެހެއްޓިފައި ހުންނާނެ

  • ސަހަރާ މަގު ޖާގަ ތަނަވަސްކޮށް މިސްކިތަށް އަންނަ ބޭފުޅުންނަށް ހާއްސަކުރެވިފައިވާ ސައިކަލް ޒޯން ފާހަގަކޮށް ކުރެހިފައިވާނެ

  • ތަނުގެ މުވައްޒަފުންނަށް ހާއްސަ ކުރެވިގެން އަންހެން ފިރިހެން ޖަމާއަތްތެރިންނަށް މަޑުކޮށްލައިގެން ތިބެން ކޮޓަރި ހެދިފައި ހުންނާނެ

މިއީ މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް އަދުގެ ރައީސް ހުންނަވާ އާސަހަރާގެ ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށް ލުއިފަސޭހަ ހިތްހަމަޖެހޭ ތަނަވަސް މާހައުލެއް ހޯއްދަވައި ދެއްވުމަށް އެމަނިކުފާނުގެ ތަސައްވުރާއި އެއްގޮތަށް ފެއްޓެވި ވަރަށް މުހިއްމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.