އަނިޔާވެރި ޢަމަލު ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: ސަރުކާރު
އަނިޔާވެރި ޢަމަލު ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނައުމަށް ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރާނެކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިފަދައިން ބުނީ ދިވެހި ރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މިއަދު ދިން ހަމަލާއާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.
ސަރުކާރުން ބުނީ ޕީޖީ ޝަމީމަށް މިއަދު ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެގޮތުން ޓެރަރިސްޓް އަދި އަނިޔާވެރި އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިޚުތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތްކުރާނެކަމަށާއި އެފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މިއާއިއެކު ދަޢުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ޚިދުމަތްތެރީންގެ ރައްކާތެރިކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ސަރުކާރުން ކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.
ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޤައުމުގެ އަމާންކަމާއި ސަލާމަތްކަން ދެމެހެއްޓުމަށް ކަމަށާއި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދޭނެކްނ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.