Article Image

ރާއްޖެއިން އިންޑިއާއާއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް އެކުލަވާލައިފި

ދިވެހިރާއްޖެއިން އިންޑިއާއާއެކު 400 މިލިޔަން އެމެރިކާ ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖެއިން އިންޑިއާއާއެކު މި އެއްބަސްވުން އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުން ބަދަލުކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ.

މިގޮތުން، 'ފްރޭމްވަރކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027 – 2024'ގެ ދަށުން އެމްއެމްއޭއަށް 400 މިލިޔަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިޔަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރު މުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅެކެވެ. އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އެޤައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ ދެ ޤައުމު ދޭތެރޭ ކުރެވޭ ވިޔަފާރި އިތުރުވެ ހަރުދަނާ ވާނެ ކަމެއްކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައެވެ.