ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްފި
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްފިއެވެ.
ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ ކުލިން %20ގެ ޑިސްކައުންޓެއް ލިބިގެން ދާނެ ކަމަށްމި މަހުގެ ކުރީކޮޅު ހުޅުމާލޭ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ ކުލި ކުޑަކުރުމަކީ ރައީސް މުޢިއްޒުގެ ހަފްތާ14ގެ މަގު ޗާޓުގައިވެސް ހިމެނިފައި ވާކަމެކެވެ.
ކުލި ކުޑަކުރުމާއި ގުޅޭގޮތުން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ފޭސް އެކެއްގެ ސޯޝަލް ހައުސިންގ ޔުނިޓްތަކަށް ކުލީގެ އަދަދުން ކޮންމެ މަހަކުވެސް %20 ޑިސްކައުންޓެއް ދިނުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
ކުލިން މި ޑިސްކައުންޓް މާދަމާ އިން ފެށިގެން ލިބިގެންދާއިރު، މެއިންޓަނެންސް ނުވަތަ މެނޭޖްމެންޓް ފީ ނުހިމަނާ ދައްކަން ޖެހޭ ކަމަށް ކަނޑައެޅިފައިވާ އަދަދުން، %20 އުުނިވާގޮތަށް ކުރިއަށް އޮތްތަނުގައި ހިނގައި ކޮންމެ މަހަކަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނަކީ އަބަދުވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްްކަތްކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެއްކަމަށެވެ.
ރައީސް، ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭގެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވިދާޅުވީ، ހުޅުމާލޭ ފޭސް އެކެއްގައި ހުރި ފްލެޓްތަކުން 4000 އާއި 7000 ދެމެދުގެ އަގެއް މެއިންޓެނެސް ފީއާއި އެކީ ދައްކަމުން އަންނަ ކަމަށެވެ.
އެހެން ކަމުން އަންނަ މަހުން ފެށިގެން 20 އިންސައްތަ އެ ފްލެޓްތަކުން ކުޑަވެގެން ދާނެ ކަމަށް ރައީސް މި މަހު ކުރީކޮޅު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ހަފްތާ 14 ގައި ހިމެނިފައިވާ އިތުރު ކަންކަމާއިއެކު ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުތައް ހަލު ސްޕީޑްގައި ދަނީ ފުއްދައި ދެއްވަމުންނެވެ.