Article Image

ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޢިއްޒު ތަޢުޒިޔާ ދަންނަވައިފި

ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.

އުސްތާޛު ވިޝާމް އަވަހާރަވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމަށެވެ.

ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއްކަން ފާހަގަ ކުރައްވާ މިއީ ޤައުމީ ހިތާމައިގެ ދަނޑިވަޅެއް ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސް ވަނީ އެމަނިކުފާނުގެ އިޚްލާޞްތެރި ތަޢުޒިޔާ މަރުޙޫމްގެ ޢާއިލާއަށާއި ބާ ކައުންސިލްގެ އެންމެހާ ޤާނޫނީ ވަކީލުންނަށް ދަންނަވާފައެވެ.

މަރްޙޫމް އިސްމާޢީލް ވިޝާމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އަދި ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި މަރުޙޫމް އިސްމާޢީލް ވިޝާމް ލަހައްޓަވައި އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން: ރައީސް މުޢިއްޒު

އުސްތާޛު ވިޝާމަކީ ބާ-ކައުންސިލުގެ ހިންގާ ކޮމިޓީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ.

ބާ ކައުންސިލުގެ ރައީސްކަމަށް ވިޝާމު އިންތިޚާބުވެވަޑައިގަތީ 2022 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

މެލޭޝިޔާއިން ޤާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ވިޝާމަކީ ބަންޑާރަނައިބުގެ އޮފީހުގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ވަކީލެކެވެ. ސޮލިސިޓާ ޖެނެރަލުގެ މަޤާމުވެސް އޭނާ އަދާކުރެއްވިއެވެ.