Article Image

އަނެއްކާވެސް ރައީސްގެ ވަރުގަދަ ނިންމެވުމެއް: ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިކުރުމަށް ބާރު އެޅުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް!

އަނެއްކާވެސް ރައީސްގެ ވަރުގަދަ ނިންމެވުމެއް: ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިކުރުމަށް ބާރު އެޅުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް!

ދިވެހިރާއްޖޭގެ މުޖުތަމަޢު، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިކުރުވުމަށް ބާރު އެޅުމުގެ ގޮތުން، އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ‏ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވެލޮރަމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ނިންމަވާފައިވާކަމުގައި ބަޔާންކުރައްވާފައިވެއެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވެލޮރަމް ރޭޓަށް ގެންނަ ބަދަލަކީ؛1. އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން.2. މިމުދަލުން ނެގޭ އެޑްވެލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުން.

‏މީގެ އިތުރުން ޢާއްމު ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށާއި، ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުހެލިވުމަށް އެހީތެރިވުމަށް ޤައުމީ ފެންވަރުގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށް ނިންމަވާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓް ނިންމަވައިލައްވާފައިވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި، އެހީތެރިކަމަށް އެދިވަޑައިގެން އެކަމަށް ބާރުއަޅުއްވަމުންނެވެ.