ބީއެމްއެލް ކާޑު ލިމިޓް އިތުރުކުރުމަށް ބޭރުގައި ކިޔަވާ ދަރިވަރުންގެ ދަފުތަރެއް އެކުލަވައިލަން ސަރުކާރުން ނިންމައިފި
ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލު ކުރަމުންދާ ކިޔަވާ ކުދިންނަށް ރައީސް ޑރ. މުޢިއްޒު ވެ ވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް އިތުރުކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭނެކަން ޔަޤީންކުރުމަށް ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންގެ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ޑޮލަރު ލިމިޓް ބޮޑު ކުރުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ސިޔާސަތު މިވަގުތު ތަންފީޒުކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެ ރާއްޖޭގައި މިވަގުތު ޑޮލަރު ޑިމާންޑް އަދި ހުރި ހުރަސްތައް ދެނެގަންނަމުންދާ ކަމަށެވެ. އަދި ކާޑު ލިމިޓް އިތުރުކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭނެކަން ޔަޤީންކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންގެ އަދާހަމަ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރަމުންދާ ކަމަށެވެ.
މިނިސްޓްރީއިން ބުނީ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް އިތުރުކުރުމުގެ ގޮތުން ބީއެމްއެލްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއެކު މިފަދަ ނިޒާމެއް އެކުލަވައިލުމަށާއި ވީހާވެސް އަވަހަށް މި ސިޔާސަތު ތަންފީޒުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުން ދާނެކަމަށެވެ.