މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން އެކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓެންޒޭނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި، މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ވަނީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމާއި ބަލިތަކަށް ފަރުވާ ދިނުމުގައި އެ ފައުންޑޭޝަނުން ފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ޙިއްޞާކުރައްވާފައެވެ. އަދި ފައުންޑޭޝަނުން ހިންގަވާ ސްޕެޝަލިސްޓް ތަމްރީނު ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާ ގޮތްތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ޙިއްޞާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚާއްޞަކޮށް ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މިހާރުގެ ސަރުކާރުން އަންހެނުންގެ ޞިއްޙަތަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން، ދިވެހިރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ވަނީ އަންހެނުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް ފައުންޑޭޝަނުން އިތުރަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރައްވާފައެވެ.