Article Image

ދަޢުލަތުގެ އެއްވެސް ބާރެއްގެ އަދި މިނިވަން މުއައްސަސާ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ނުފޯރުވާނަން، އިސްލާހު ގެންނަންޖެހޭނަމަ އެކަން ކުރާނަން: ރައީސް

ދަޢުލަތުގެ އެއްވެސް ބާރެއްގެ އަދި މިނިވަން މުއައްސަސާ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، މީގެ ކުރިންވެސް އެފަދަ ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށް އެހެން ނަމަވެސް އިސްލާހު ގެންނަންޖެހޭނަމަ އެކަން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދަޢުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާ ހަމަޔަށްވެސް ކުރެއްވިކަމެއްނޫން ކަމަށެވެ. އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރައްވާނޭކަމެއްނޫން ކަމަށް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާއިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މިހާރު ޤާނޫނުގައި އޮންނަ ގޮތުންނަމަ އޭސީސީގެ ރައީސް އައްޔަން ކުރަނީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައިވާ ގޮތުން އޭސީސީއަށް ރައީސެއް އައްޔަން ކުރުމަށް، ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ނަން ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ. އެ މަޤާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އޭސީސީގެ އިތުރުން ވެސް އިންތިހާބުތަކުގެ ކަންތައް ބަލަހައްޓަމުން އަންނަ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް އިސްލާހު ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ރައީސްގެ ނުފޫޒު ފޯރުވާކަމަށް ދެކެވޭ ވާހަކަތައް ރައީސް މިވަނީ ދޮގުކުރައްވާފައެވެ.