Article Image

މަސްވެރިންނަށް ނުދެވިހުރި ހުރިހާ ފައިސާ މިފްކޯއާއި ހަވާލުކޮށްފިން، 48 ގަޑިއިރުތެރޭ ފައިސާ ދިނުމަށް ދަނީ މަސައްކަތްކުރަމުން: ރައީސް

މިހާތަނަށް މަސްވެރިންނަށް ނުދެވިހުރި ހުރިހާ ފައިސާ މިފްކޯއާއި ހަވާލުކޮށްފި ކަމަށާއި، 48 ގަޑިއިރުތެރޭ މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމަށް ދަނީ މަސައްކަތްކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯއަށް ޙަވާލުކުރެވިފައިކަމަށެވެ. އަދި މެނިފެސްޓޯގައިވާ ފަދައިން 48 ގަޑި އިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު މިފްކޯ އިން ބުނި ގޮތުގައި އެދުވަހު ވެސް 17 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކޮށްދިނެވެ. ސެޕްޓެމްބަރ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މަސްވެރިންނަށް މިސަރުކާރުން ވަނީ ސެޕްޓެމްބަރ މަހުގެ ނިޔަލަށް 896 މިލިއަން ރުފިޔާ ޖަމާކޮށްދީފައެވެ.

މިއަދު މަޖިލިސް ޖަލްސާގައި ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވީ މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށް ސަރުކާރުން ވެފައި އޮތް ވައުދަށް މިސަރުކާރުން ނުފިލާނެ ކަމަށާއި، އެވައުދު މަތިން ސަރުކާރުން ހަނދާން އެބަހުރި ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން 17 ރުފިޔާއަށް ހުރި މަސް ކިލޯއެއްގެ އަގު އިންތިހާބުގެ ފުރަތަމަ ބުރަށްފަހު، ދެވަނަ ބުރުގެ ވޯޓްގެ ކުރިން 25 ރުފިޔާއަށް ބޮޑު ކުރިއެވެ. އެހެން ނަމަވެސް މަސްވެރިން ކިރުވި މަހަށް ފައިސާ ދައްކާފައި ނުވެއެވެ.

މިސަރުކާރު ވެރިކަމާހަވާލުވިއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި 250 މިލިޔަނެއްހައި ރުފިޔާ މިސަރުކާރުން ވަނީ ދައްކާ ޚަލާސްކޮށްފައެވެ.

މަސްވެރިންބާނާ މަހަސް ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.