ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ގެމްބިއާގެ ފަސްޓްލޭޑީއާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙަންމަދު، ގެމްބިއާގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠޫމައްތާ ބަޙް-ބަރޯއާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ކޮންފަރެންސްގެ ހަވާސާގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާއާއި ގެމްބިއާގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، މެރކް ފައުންޑޭޝަނުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އޭޝިއާ އާއި އެފްރިކާ ފަދަ ސަރަޙައްދުތަކުގެ މުޖުތަމަޢުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެ ފައުންޑޭޝަނާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.