ކީރިތި ޤުރުއާނުން މިސާލު ދައްކަވާ ރައީސް ވިދާޅުވީ އަންހެނުން އަދި ފިރިހެނުންވެސް ހަށިގަނޑު ހާމަކޮށްގެން ކުރާ ކަމަކުން ރީތި ނަމެއް ނުލިބޭނެ ކަމަށް!
އަންހެނަކުވިޔަސް އަދި ފިރިހެނަކުވެސް ހަށިގަނޑު ހާމަކޮށްގެން ކުރާ ކަމަކުން ރީތި ނަމެއް ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށެވެ.
ިރައީސް މިފަދައިން ވިދާޅުވީ ކީރިތި ޤުރުއާނުގެ އިސްރާ ސޫރަތުގެ 81 ވަނަ ޢާޔަތާއި އޭގެ މާނަ ހިއްސާކުރައްވަމުންނެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ.
وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ."
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ މިސް ޔުނިވާސްގެ ނަމުގައި ބާއްވާ ހަރަކާތެއްގައި ދިވެއްސަކު ބައިވެރިވުން ބަލައި ނުގަންނަ ކަމަށާއި އެކަމަށް އެހީތެރިކަމެއް ވެސް ދީފައި ނޯންނާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވުމުން ބައެއް ފަރާތްތަކުން އެކިއެކި ވާހަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ފިރިހެނުން ބަރަހަނާވެ ބައިވެރިވާ ކަންކަމަށް ސަރުކާރުން ތާއީދުކުރާކަމަށް ބުނެ ބަޔަކުމީހުން ދަނީ ވާހަކަ ދައްކަމުންނެވެ.
ރަައީސް ދެއްވި މެސެޖްގައި ވަނީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށެވެ.