
2025 ވަނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
2025 ވަނަ އަހަރަށް ލަފާކޮށް ދަޢުލަތުގެ ބަޖެޓްގެ ގޮތުގައި 56.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖްލީހަށް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މިބަޖެޓުގައި ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 49 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 37.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 9.4 ބިލިއަން ރުފިޔާގެ ޑިފެސިޓެކެވެ. އަންނަ އަހަރަށް ލަފާ ކުރާ އާމްދަނީގެ ތެރެއިން ބޮޑުބައެއް ހިއްސާވަނީ ޓެކުހަށެވެ. އަދި، ހިލޭ އެހީ އާއި އެހެނިހެން ގޮތް ގޮތުން 39.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލަފާކޮށްފައިވެއެވެ.
ބަޖެޓްގެ ތަފްސީލަށް ބަލާއިރު، ސަރުކާރުން ސީދާގޮތެއްގައި 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫޢެއް ހިންގުމަށް ހިމަނާފައިވެއެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ފަސް އިންސައްތައިގައި ދެ ބިލިއަނާއި ހަތަރު ބިލިއަނާ ދެމެދުގެ ލޯނު ފަހިކޮށްދިނުން ވެސް ހިމަނާފައިވެއެވެ.
އަދި ބަޖެޓުން ޕީއެސްއައިޕީއަށް ބޮޑު ހޭދައެއް ކުރުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން 12.4 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހުށަހަޅާފައިވެއެވެ.
ބަޖެޓްގެ ތަފްސީލް
ޖުމުލަ ބަޖެޓް: 56.5 ބިލިއަން ރުފިޔާ
އާމްދަނީ: 37.2 ބިލިއަން ރުފިޔާ
ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ
ބަޖެޓްގައި ބުނެފައިވަނީ އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި އިސްކަންދީފައިވަނީ އެމެރިކާ ޑޮލަރުން އާމްދަނީ ލިބޭ ސިޔާސަތުތަކަށް ކަމަށެވެ.
އެގޮތުން ސިނގެރޭޓާއި ބިޑިން ނަގަމުންދާ އިމްޕޯޓް ޑިއުޓީ ރޭޓް މަތިކުރުމާއި އެއާޕޯޓް ޓެކުހާއި ފީގެ ރޭޓުތައް މަތިކުރުމާއި ގްރީން ޓެކުހުގެ ރޭޓުތައް މަތިކުރުން ހިމެނޭ ކަމަށް ބަޖެޓްގައިވެއެވެ.
ބަޖެޓްގައި އަމިއްލަ ފަރާތްތަކުން ބިން ހިއްކުމުގެ މަޝްރޫތަކަށް ނަގާ ވެލިން ޑްރެޖިން ފީއެއް ނެގުމާއި ޓީޖީއެސްޓީ ރޭޓް މަތިކުރުމާއި ޖީއެސްޓީ ނިޒާމުގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރުން ހިމެނެއެވެ. އަދި ފްރީކުއަންސީ ސްޕެކްޓްރަމް ޗާޖެއް ނެގުން ވެސް ހިމެނެއެވެ.
ބަޖެޓްގައި ބުނެފައިވަނީ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށެވެ.