Article Image

ހުރިހާ މަސްވެރިންނަށް ދޭންހުރި ފައިސާގެ ކަންކަން ވަރަށް އަވަހަށް ހަމަޖައްސާނަން: ރައީސް މުޢިއްޒު

ހުރިހާ މަސްވެރިންނަށް ދޭންހުރި ހުރިހާ ފައިސާގެ ކަންކަން ވަރަށް އަވަހަށް ހަމަޖައްސާ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ވީ އެންމެ އަވަހަށް ހައްލު ކޮށްދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސިލްސިލާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މިއަދު ޖަވާބުދެއްވީ، މަސްވެރިއެއްކަމުގައިވާ ހދ. ނޮޅިވަރަންފަރު، ހިޖުރަ، ޢަބްދުލްޣަނީގެ ސުވާލަކަށެވެ. ޢަބްދުލްޣަނީ ސުވާލުކުރައްވާފައިވަނީ މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމާ ގުޅޭގޮތުންނެވެ.

މަސްވެރިޔާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރާއި ހަވާލުވެ ވަޑައިގެންނެވި އިރު މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ބޮޑަށް އިނދަ ޖެހި، ވަރަށް ބޮޑަށް އަޅާނުލެވި ކަމަށެވެ. އަދި މިފްކޯއިން މަސްވެރިންނަށް ދޭންހުރި ފައިސާގެ އަދަދުވެސް 250 މިލިއަންއަށްވުރެ ގިނަ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު މެންނާއި ސަރުކާރު ހަވާލުވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ބޮޑަށް އިނދަ ޖެހިފަ. ވަރަށް ބޮޑަށް އަޅާނުލެވި. މިފްކޯއިން ދޭންހުރި ފައިސާގެ އަދަދުވެސް 250 މިލިއަންއަށްވުރެ ގިނަ ފައިސާ ހުރި މަސްވެރިންނަށް ނުދީ"

ރައީސް ޑރ. މުޢިއްޒު

އައު ސަރުކާރު ހަވާލުވިފަހުން މިއަދާ ހަމަޔަށް އައިއިރު ގާތްގަނޑަކަށް 200 ވަރަކަށް މިލިއަން ރުފިޔާ 2 ފަހަރެއްގެ މަތިން މަސްވެރިންނަށް ދޫކޮށްފައިވާއިރު، އެއީ އަދި އެކަށީގެންވާ އަދަދު ނޫން ކަމަށާއި، މިހާރުވެސް މަސް ގަންނަމުންދާ ވަރަކަށް އިތުރަށް ދޭންޖެހިފައި ހުރި ފައިސާ އެބަހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން 270 ވަރަކަށް މިލިއަން ރުފިޔާ މަސްވެރިންނަށް އަނެއްކާވެސް ދޭންވެފައި އޮތް ކަމަށާއި، އެފައިސާ ދިނުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އައިފަހުން މިހާރުވެސް ގާތްގަނޑަކަށް 200 ވަރަކަށް މިލިއަން ރުފިޔާ 2 ފަހަރެއްގެ މަތިން މަސްވެރިންނަށް ދޫކޮށްފި. އެކަމަކު އެއީކީ އެއްގޮތަކަށްވެސް އެކަށީގެންވާ އަދަދެއް ނޫން. މިހާރުވެސް މަސް ގަންނަމުންދާ ވަރަކަށް އިތުރަށް ދޭންޖެހިފައި ހުރި ފައިސާ އެބަހުރި. 270 ވަރަކަށް މިލިއަން ރުފިޔާ އެބައޮތް މަސްވެރިންނަށް އަނެއްކާވެސް ދޭން. އެފައިސާ ދިނުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެވޭ" ރައީސް ޑރ. މުޢިއްޒު

ރައީސް ވިދާޅުވީ މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް އެ ފައިސާ ވަރަށް އަވަހަށް މަސްވެރިންނާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި އެކަން ވަރަށް ހައްލު ކޮށްދެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަސްވެރިންނަށް ރައީސް ދެއްވި އުފާވެރި ޚަބަރަކީ ހުރިހާ މަސްވެރިންނަށް ދޭންހުރި ހުރިހާ ފައިސާއެއް ވަރަށް އަވަހަށް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އަދި އެކަން ނިމުނީމަ ދެން ކުރިއަށްއޮތް ތަނުގައިމަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދައްކާ ނޯންނާނެގޮތަކަށް ކަންކަން ބައްޓަންކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

"އަޅުގަނޑުމެންނަށް އެންމެ މުހިންމު އެއް ކަމަކީ މަސްވެރިންނަށް ބޭނުންވާ ފައިސާގެ ކަންތައް ހަމަޖެއްސުން. އިރާދަކުރެއްވިއްޔާ އެކަން ހަމަ ވަރަށް ރަނގަޅަށް ވަރަށް އަވަހަށް ހައްލު ކޮށްދޭނަން" ރައީސް ޑރ. މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް، ޖަވާބު ދެއްވުމަށް މިއަދު ފެށުނު މި ސިލްސިލާގައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް، ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.