Article Image

2025 ގެ ބަޖެޓަކީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބަޖެޓެއް: ރައީސް

ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރުން ހުށަހަޅުއްވާފައިވާ 2025 ވަނަ އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އިސްކަންދެއްވާފައި ވާނީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި "ނިއު ޕޮލިސީ އިނީޝިއެޓިވް" ތެރޭގައި އޮންނާނީ ގެދޮރުވެރިކަމުގެ ވަޢުދު ފުއްދެވުމާއި ގުޅުންހުރި މަޝްރޫޢުތައް ކަމަށެވެ.

އެގޮތުން، ހިޔާވެހި ފައިނޭންސިންގ ސްކީމަށް، އެއް ބިލިޔަން ރުފިޔާ އަދި ސަރުކާރުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ގެދޮރު އެޅުމަށް ކަނޑައަޅުއްވާފައިވާ އެކެއް ޕޮއިންޓް ފަހެއް ބިލިޔަން ރުފިޔާއާއެކު، ޖުމުލަ ދޭއް ޕޮއިންޓް ފަހެއް ބިލިޔަން ރުފިޔާ، 2025 ވަނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެކަށައަޅުއްވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން އިސްކަންދޭ ކަންތައްތައް ތަރުތީބުކުރާއިރު، މިނިވަންކަމާ ގުޅިފައިވާ ޤައުމީ މައްސަލަތައް ފިޔަވައި އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ، ދެ ގޮތެއް ނެތް، ސުވާލެއްނެތް ސިޔާސަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ތަނުގައިވެސް މި ސިޔާސަތު ދަމަހައްޓަވާނޭކަމުގެ ޔަޤީންކަންދެއްވާފައެވެ.