Article Image

ވިލިމާލެ މޫދަށް އެރޭ ސަރަޙައްދު ހިމާޔަތްކޮށް ދިވެހިންނަށް އެކިކަހަލަ ޓްރެއިނިންގ ދިނުމަށް ބޭނުންވާ އިންތިޒާމްތަކެއް ހަމަ ޖައްސާނަން: ރައީސް

ވިލިމާލެ މޫދަށް އެރޭ ސަރަޙައްދު ހިމާޔަތްކޮށް މޫދަށް އެރޭނެ އިތުރު ސަރަޙައްދުތަކެއް ހަމަ ޖެއްސުމާއިއެކު ދިވެހިންނަށް އެކިކަހަލަ ޓްރެއިނިންގ ދިނުމަށް ބޭނުންވާ އިންތިޒާމްތަކެއް ހަމަ ޖައްސަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަވާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސިލްސިލާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މިއަދު ޖަވާބުދެއްވީ، ނ.ކުޑަފަރީ، ލަކީކޯނަރ، ޒޫނާ ނަސީމް، ވިލިމާލޭ މޫދަށް އެރޭ ސަރަޙައްދަށް ގެންނަން ފެންނަ ބައެއް ބަދަލުތަކާމެދު ކުރެއްވި ސުވާލަށެވެ. ރައީސް ވިދާޅުވީ ޒޫނާ ކުރެއްވީ ހަމަ ވަރަށް ރަނގަޅު ސުވާލެއް ކަމަށާއި، އަދި އެއީ ވަރަށް މުހިންމު ސުވާލެއް ކަމަށެވެ.

މިއާއިއެކު މާލެ ސަރަޙައްދުގައި މޫދަށް އެރޭ މާގިނަ ސަރަޙައްދުތަކެއް ނެތްއެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިސަރަޙައްދު ހިމާޔަތް ވެގެންދިއުމަކީ މުހިންމު ކަމެއް ކަމަށާއި، އަދި އެއީ ވަރަށް ގިނަ މީހުންނަށް އޭގެ ފައިދާ ވާނެ ކަމެއް ކަމަށް ވާތީ އެކަން އިރާދަކުރެއްވިއްޔާ ކުރަން ނިންމާފަވާ ކަމެއް ކަމަށް ވާތީ އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

"މިސަރަހައްދުގައި މޫދަށް އެރޭ މާގިނަ ސަރަހައްދުތަކެއް ނެތް، އެހެންވީމާ ވިލިމާލޭގައި ޒޫނާ ވިދާޅުވިގޮތަށް މިސަރަހައްދު ހިމާޔަތް ވެގެންދިއުމަކީ މުހިންމު ކަމެއް، އިރާދަކުރެއްވިއްޔާ މިސަރުކާރުން ޒޫނާ ތި ރިކުއެސްޓު އަދި ވަރަށް ގިނަ މީހުންނަށް އޭގެ ބެނެފިޓް ފައިދާ ވާނެ ކަމެއް ކަމަށް ވާތީ އެކަން އިރާދަކުރެއްވިއްޔާ ކުރަން ނިންމާފަވާ ކަމެއް ކަމަށް ވީމަ، ޒޫނާ ތި ރިކުއެސްޓު ކުރިގޮތަށް އެކަން ހަމަޖެހިގެންދާނެ" ރައީސް މުޢިއްޒު

މީގެ އިތުރުން ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ދިވެހިންނަށް ޓްރެއިނިންގ ދިނުމާއި، މިފަދަކަންކަމަށް ބޭނުންވާ ފުރުޞަތުތައްވެސް ވެސް ވިލިމާލޭގެ އިތުރުން މާލެ ސަރަޙައްދުގައި އެކަމަށް ޖާގައޮތް އެހެން ދިމަދިމާލުގައި ވެސް ހަމަޖައްސައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް ކޮންމެ ދުވަހަކުވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެއެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެއެވެ.