Article Image

ދޮންމަންމަ އާއި ގުޅުވައިގެން ދައްކަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް: ރައީސް

ދޮންމަންމަ އާއި ގުޅުވައިގެން ދައްކަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، ޒާތީ ވާހަކަ ދެއްކުމަކީ އެމަނިކުފާނުގެ މިޒާޖުގަ ހުންނަކަމެއް ނޫން ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ދޮންމަންމާފުޅާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށާއި، އެއީ ސިޔާސީ ވިސްނުމެއްގައި އެމަނިކުފާނުގެ އަގުވައްޓަލުމަށް ދައްކާ ވާހަކަތަކެއްކަމަށް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ ދޮންމަންމާފުޅަށް ބައްޕާފުޅުގެ ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުދޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކުގެ ތެދު މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހެއްގެ ޒާތީ ވާހަކަތައް ދައްކާ ބޭފުޅެއް ނޫންކަމަށާއި، ދައްކާނަމަ އަބަދުވެސް ދައްކަވާނީ އެމީހެއްގެ ރަނގަޅު ވާހަކަތައްކަމަށެވެ. ޚާއްޞަކޮށް ޢާއިލީ ޒާތީ ކަންކަމުގެ ތަފްސީލު ވާހަކަތައް ހިއްސާކުރަން ވަރަށް ދަތިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބައްޕާފުޅު އަވަހާރަވުމުން ތަރިކަ ބެހުމުގެ ކަންކަން ކުރިއަށްގެންދިޔައީ އެކަން އޮންނަ އުސޫލުން ކޯޓު މަރުހަލާއިންކަމަށެވެ.

އެގޮތުން ބައްޕާފުޅުގެ ބައެއް ބިންތަކާއި ވިޔަފާރިތައް ސްރީލަންކާގައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބައްޕާފުޅުގެ ތިން ބިމާއި، އެ ބިންތަކުގައި ޢިމާރާތްކޮށްފައިވާ ޢިމާރަތްތަކާއި ވިޔަފާރިތަކެއް ހުރިކަމަށެވެ. އެގޮތުން ކޮލޮމްބޯގައި ދެބިން އަދި ކެންޑީގައި އެއްބިން ހިމެނޭހެން ޖުމްލަ ތިން ބިމެއް އޮތްކަމަށާއި، އެތަނުން ދެތަނުގައި ގެސްޓުހައުސް ހަދައި ވިޔަފާރިވެސް ފަށާފައި އޮތްކަމަށެވެ. އަދި އަނެއް ބިމުގައި ހުރި ޢިމާރާތަކީ ދިރިއުޅުމަށް ހަދާފައިވާތަނެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހުރިހާ ބިންތަކާއި ޢިމާރާތްތަކާއި، ވިޔަފާރި އަދި ލަންކާގައި ބައްޕާފުޅުގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ހިމެނޭގޮތަށް ހުރިހާ އެއްޗެއް ދޮންމަންމާފުޅަށް ހިލޭ، އެއްވެސް ބަދަލަކާ ނުލައި ދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ބައްޕާފުޅުގެ ހުވަފަތް އަނބިކަނބަލެއްގެ ގޮތުން މާލެއިން ލިބިވަޑައިގަންނަވާ ބައްޕާފުޅުގެ ތަރިކަ މުދަލުގެ ބައިކުޅަބައި އެއްކޮށް އެމަނިކުފާނަށް ދޫކޮށްލީކަމަށް ދޮންމާފުޅު ވިދާޅުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ދޮންމަންމަ ވިދާޅުވި މާލޭގަ ހުވަފަތް އަންބެއްވީމަ ދީނީގޮތުން އޮންނަ ބައިކުޅަބައި އެއްކޮށް އަޅުގަނޑަށް ދޫކޮށްލާނަމޭ. އެހެންވީމަ އެއީ ނިންމި ނިންމުމަކީ. އެގޮތަށް ނިންމައިގެން ތަރިކަ ބަހާ ނިންމާފަ އެއޮތީ. އެއީ އެކަން އޮތްގޮތަކީ. ދެން އަޅުގަނޑު މިވަރަށްވެސް ބުނަން ބޭނުންނުވަނީ އެއީ އަޅުގަނޑުގެ މިޒާޖުގައި ހުންނަކަމެއްނޫން ޒާތީ ވާހަކަ ދެއްކުމަކީ" ރައީސް

ރައީސް ވިދާޅުވީ މިކަން އޮޅުވާލައި ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވާ ދޮގު ވާހަކަތަކެއްކަމަށާއި، މިއާ ޚިލާފަށް އެމަނިކުފާނު ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ.

މިހާބޮޑަށް އޮޅުވާލާ އަގުވައްޓާލަން މިއީ ސިޔާސި ވިސްނުމެއްގައި ކުރާކަމެއް. ލަންކާގައި ހުރި ތިން ގޯއްޗާ ޢިމާރާތާ ހުރިހާ އެއްޗެއް ފައިސާއާއެކު އެހުރީ ދޮންމަންމައަށް ދީފައި. އިތުރަށް ކުރި އެއްވެސް ކަމެއްނޯންނާނެ. އަޅުގަނޑުގެ ބޮލުގައަޅުވަން ދައްކާ އެއްވެސް ވާހަކަތަކީ އަޅުގަނޑާ ގުޅިފައިވާ ވާހަކަތަކެއް ނޫން: ރައީސް

ރައީސްގެ ދޮންމަންމާފުޅާއި ގުޅުވާ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެންޓިކެމްޕޭން ކުރުމަށް އަދަދު ނޫހާއި ރާއްޖެ ޓީވީއިން ވަނީ އެވާހަކަތައް ގެނެސްފައެވެ. އަދި އިންތިޚާބާ ދިމާކޮށް ބޮޑެތި ތުހުމަތުތަކެއް އެމަނިކުފާނުގެ މައްޗަށް ކުރިއެވެ. އެ ތުހުމަތުތައް ރައީސް ޑރ. މުޢިއްޒުގެ ފަރާތްޕުޅުން އޭރުވެސް ވަނީ ދޮގު ކުރައްވާފައެވެ. ރައީސްއޭރުވެސް ވިދާޅުވެފައިވަނީ އެއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ހިމެނޭ ވީޑިއޯއެއް ކަމަށެވެ.