މިއަހަރުގެ ފުރަތަމަ 25 ދުވަހު ދަޢުލަތުގެ ޚަރަދަށްވުރެ އާމްދަނީ 414.2 މިލިއަން ރުފިޔާ އިތުރުވެއްޖެ
މިއަހަރުގެ ފުރަތަމަ 25 ދުވަހު ދަޢުލަތުގެ ޚަރަދަށްވުރެ އާމްދަނީ 414.2 މިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ 1 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު 1 މިލިއަނުގެ އިތުރުވުމެކެވެ.
މިއަހަރުގެ ފުރަތަމަ 25 ދުވަހު ދަޢުލަތުގެ ޚަރަދު އުޅެނީ 1.4 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޢުލަތުގެ ޚަރަދަކީ 1.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް %25 ދަށްވުމެކެވެ.
މިއަހަރުގެ ފުރަތަމަ 25 ދުވަހު ދަޢުލަތައް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 246 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ 25 ވަނަ ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 25 ދުވަހު ދަޢުލަތުގެ ޚަރަދު ދަށްވެފައިވާއިރު ރިކަރަންޓް ޚަރަދާއި އަދި ކެޕިޓަލް ޚަރަދުތައްވެސް ވަނީ ދަށްވެފައެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުކޮށްފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދަކީ 326 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ.