ޒަމާނީ އައު މާރުކޭޓުގެ މަސައްކަތް އޭޕްރީލް މަހު ފެށޭނެ:ރައީސް
ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ވަށާ ޖެހޭ ހައްލެއް ގެނައުމަށްޓަކާ އެޅުމަށް ނިންމާފައިވާ ޒަމާނީ އައު މާރުކޭޓުގެ މަސައްކަތް އޭޕްރީލް މަހު ފެށޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހއ.ބާރަށު މަދޮށިމާގޭ، ޢަބްދުﷲ އިބްރާހީމް މަނިކު މާރުކޭޓުގެ ޙާލަތާ އަދި ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރާތީ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކުރެއްވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެއީ މުހިންމު ކަމެއް ކަމަށާއި، މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓުވެސް އެއީ މިހާރު އެއްގޮތަކަށްވެސް އެންމެ އެކަށީގެންވާ ފެންވަރުގައި ހުރި ތަންތަނެއްނޫން ކަމަށާއި، އެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ވަރަށް އަވަހަށް ފަށާނެކަމަށެވެ.
އެގޮތުން މިހާރު ސަރުކާރުން ވަނީ މިހާރުހުރި ދެ މާރުކޭޓުގެ ބަދަލުގަ މިހާރު ލޯކަލް މާރުކޭޓު ހުރި ތަނުގަ އެންމެ ޒަމާނީ ފެންވަރުގެ އިމާރާތެއް އަޅާ އެތަނުގައި މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓްގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ތަކެތި ވިއްކޭނެފަދަ ޖާގަ ހިމެނޭގޮތަށް 4 ބުރީގެ ޒަމާނީ މާރުކޭޓް އިމާރާތެއް އެޅުމަށް މާލެ ސިޓީ ކައުންސިލަށް ހުރިހާ މަގުތަކެއް ފަހިކޮށްދީފައި ކަމަށެވެ.
"މާލޭގެ ދަތުރުވެރިންގެ މާރުކޭޓުވެސް އަދި ލޯކަލް މާރުކޭޓުވެސް އެއީ މިހާރު އެއްގޮތަކަށްވެސް އެންމެ އެކަށީގެންވާ ފެންވަރުގައި ހުރި ތަންތަނެއްނޫން. މިހާރު ސަރުކާރުން ވާނީ ސިޓީ ކައުންސިލަށް ހުރިހާ މަގުތަކެއް ފަހިކޮށްދީފަ އެ ދެ މާރުކޭޓުގެ ބަދަލުގަ މިހާރު ލޯކަލް މާރުކޭޓު އެ ހުރި ތަނުގަ އެންމެ ޒަމާނީ ފެންވަރުގަ ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގެ އިމާރާތެއް އަޅާފަ އެތަނުގައި މަސް މާރުކޭޓުވެސް އަދި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ތަކެތި ވިއްކޭ ކަހަލަ ޖާގަވެސް ހިމެނޭގޮތަށް 4 ބުރީގެ ޒަމާނީ މާރުކޭޓް އިމާރާތެއް އަޅަން" ރައީސް މުޢިއްޒު
މީގެ އިތުރުން ޒަމާނީ މާރުކޭޓު ފަރުމާ ކުރެވިގިެންދާނީ ޕާކިންގެ ޚިދުމަތާއި އެކުގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މާރުކޭޓު އެޅުމުގެ މަސައްކަތް މިހާރު އުޅެނީ ފެށުމުގެ މަރުޙަލާގައި ކަމަށެވެ. އަދި ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ވަށާ ޖެހޭ ހައްލެއް ގެނައުމަށްޓަކާ އެޅުމަށް ނިންމާފައިވާ ޒަމާނީ އައު މާރުކޭޓުގެ މަސައްކަތް އޭޕްރީލް މަހު ފެށޭނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
"ޕާކިންގވެސް އެތާގެ އަޑީ ބޭސްމެންޓްގައި ހިމެނޭގޮތަށް އެމާރުކޭޓު އިމާރާތް އެޅުނީމަ އަބްދުﷲ ފާހަގަކުރެއްވި މައްސަލަ އަށް ހައްލެއް އަންނާނެ. ވަރަށް ސާފު ތާހިރު ރީތިކޮށް ހުންނަ އަދި މާ ޖާގަވެސް ބޮޑު ގޮޅިތައްވެސް ހަމަޖެހިގެންދާނެ. މާ ހިތްގައިމު ވާނެ. ހުރިހާ ގޮތަކުން ރަނގަޅުވެގެން ދާނެ. އެ މާރުކޭޓުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އޭޕްރީލް މަހުގެ ތެރޭގައި ރޯދަމަސް ނިމިގެން މިހާރު ހުރި ލޯކަލް މާރުކޭޓު ރޫޅާލާފައި އެ މަސައްކަތް ފެށިގެންދާނެ. އެތަން އަޅާއިރުގަ ވިޔަފާރިވެރިން ވަގުތީ މާރުކޭޓަށް ބަދަލުކުރެވޭނެ. އެ މައްސަލަ އަށް ހައްލެއް އަންނާނެ" ރައީސް މުޢިއްޒު
މީގެ އިތުރުން ބިދޭސީންނަށް ގޮޅި ދޫކުރާ މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އަބްދުﷲ ފާހަގަކުރި ގޮތަށް އެކަމަށްވެސް ހައްލު ގެނައުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު މަޝްވަރާކޮށް ކުރިއަށް އޮތްތަނުގައި ހައްލުވެގެން ދާނެކަމަށް. އަލަށް ހަދާ މާރުކޭޓު ނިމިގެން ދާއިރުގައި ބިދޭސީންގެ މައްސަލައަށްވެސް ވަށާ ޖެހޭ ހައްލެއް ލިބިގެން ދާނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.